ސިޓީއެއް، މަޒުމޫނެއް ނުވަތަ ދައުވަތު ކާޑެއް ލިޔަން ކަމުގައިވިޔަސް، ދިވެހިންގެ ތެރެއިން ހަމަ އެކަކަށްވެސް "އެމްވީ ބޮލި" ފޮންޓަކީ ކަމުދާ ފޮންޓެއް ނޫނޭ ބުނުމުން ދޮގަކަށް ނުވާނެކަން ޔަގީނެވެ. ކޮމްޕިޔުޓަރުގެ ޒަރީއާއިން ދިވެހިބަސް ލިޔެކިޔެ އުޅުމަށް ބޭނުން ކުރަން "އެމްވީ ބޮލި" ފޮންޓަކީ ދިވެހިންނަށް ކަމުދާ ފޮންޓެއް ނޫނެވެ. އެ ފޮންޓުން ލިޔެފައި ހުންނައިރު ކިޔަން އުނދަގުލީއެވެ. ލިޔަންވެސް ކަމުނުދަނީ އެވެ. ހުންނަލެއް ހުތުރުކަމުންނެވެ. ފޮންޓުގެ އަކުރުތަށް ފަރުމާކޮށްފައި ހުރިގޮތާއި މުޅި ފޮންޓުގެ ޑިޒައިންވެސް ހުތުރީއެވެ.

ބޮލި ފޮންޓު އެންމެ ފުރުތަމަ ވުޖޫދަށް އައިސްފައިވަނީ 2001 ވަނަ އަހަރު މައިކްރޯސޮފްޓް ކުންފުނިން ނެރުނު "ވިންޑޯސް އެކްސްޕީ" އާ އެކުއެވެ. އަދި އޭގެ ފަހުންވެސް މައިކްރޯސޮފްޓްއިން ނެރުނު އާ ވިންޑޯސް ވާޝަން ތަކުގައިވެސް ތާނަ ލިޔުކިޔުމަށް "ޑީފޯލްޓް" ފޮންޓެއްގެ ގޮތުގައި ހިމަނާފައިވަނީ ބޮލި ފޮންޓެވެ. ވިންޑޯސް އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އަދި ރާއްޖޭގައި އާންމުކޮށް މީހުން ބޭނުން ކޮށް އުޅޭ އޮޕަރޭޓިން ސިސްޓަމެވެ. ބޮލި ފޮންޓު މައްސަލައަކަށް ވާން ދިމާވާ ސަބަބަކީ މިއެވެ.

ބޮލި ފޮންޓު އުފައްދާ ފަރުމާކުރީ ކޮންބައެއް؟

ބޮލި ފޮންޓު އެފުދުނު ގޮތާއި އެ ފޮންޓު ފަރުމާކުރި ފަރާތާއި ބެހޭ ގޮތުން އެކި މީސްމީހުންގެ ތުންތުން މަތިން އެކިކަހަލަ ވާހަކަތައް އަޑު އިވެއެވެ. ހާއްސަކޮށް އެ ދާއިރާއަކަށް އަޅުގަނޑުވެސް ނިސްބަތްވާ ޓެކުނޮލެޖީ ދާއިރާގެ އިތުރުން ކްރީއޭޓިވި/ގްރެފިކްސް ޑިޒައިން ގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ ކިބައިން މިކަމާމެދު އެކިކަހަލަ ތިއަރީތަށް އަބަދުވެސް އަޑުއިވެއެވެ.

ކޮންމެއަކަސް ބޮލި ފޮންޓާއި ބެހޭ މައުލޫމާތުތައް ބަލާލުމުން އެއިން ފެންނަން އޮތީ އެ ފޮންޓުގެ މިލްކުވެރިކަން ލިބިގެންވަނީ މައިކްރޯސޮފްޓް ކުންފުންޏަށް ކަމެވެ. ބޮލި ފޮންޓުގެ ފުރިހަމަ މިލްކުވެރިކަން ނުވަތަ "ކޮޕީރައިޓް" އޮތީ މައިކްރޯސޮފްޓް ކުންފުނީގެ އަތުގައިކަމެވެ.

ނަމަވެސް ފޮންޓު ފަރުމާކޮށް ޑިޒައިން ކޮށްފައިވަނީ މައިކްރޯސޮފްޓަކުން ނޫނެވެ. މިކަން ކޮށްފައިވަނީ "މޮނޯޓައިޕް އިމޭޖިންސް" ނުވަތަ ކުރީގެ ނަމުން ނަމަ "އަގްފާ މޮނޯޓައިޕް ކޯޕަރޭޝަން" ކިޔާ ފޮންޓު ފަރުމާކުރާ ކުންފުންޏަކުންނެވެ. މިއީ މައިކްރޯސޮފްޓްއިން "މޮނޯޓައިޕް އިމޭޖިންސް" އާ ހަވާލު ކޮށްގެން (އައުޓްސޯސްް ކޮށްގެން) ކުރެވުނު މަސައްކަތެއް ކަމަށް ބެލެވެއެވެ. މައިކްރޯސޮފްޓްއިން އެމީހުންގެ ބައެއް ފޮންޓުތައް އެހެން ކުންފުނިތަކާ ހަވާލުކޮށްގެން ހަދާފައި އެބަހުއްޓެވެ.

ބޮލި ފޮންޓު ފަރުމާކުރީ ކިހާ ފެންވަރެއްގެ ކުންފުންޏަކުން!؟

ކޮންމެއަކަސް ބޮލި ފޮންޓު އުފެއްދި މޮނޯޓައިޕް އިމޭޖިންސް އަކީ އަދައިގެ ދެތިން ޑިޒައިނަރުން ގޮވާއިގެން އުޅޭ ކުޑަ ކުޑަ ކުންފުންޏެއް ނޫނެވެ. އަދި ހަމަ އެގޮތަށް ބޮލި ފޮންޓު ހެދުމުގެ މަސައްކަތް ކުރިކަމަށް ފެންނަން އޮތް "ތޯމަސް ރިކްނާ" އާއި "ކަމާލް މަންސޫރު" އަކީވެސް އާދައިގެ ދެ ބޭފުޅުންނެއް ނޫނެވެ.

ފުރަތަމަ މޮނޯޓައިޕް އިމޭޖިންސް އަށް ބަލާލަމާ ހިނގާށެވެ. އެމެރިކާއަށް ނިސްބަތްވާ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހާގަ ކޮށްލެވޭ، ފޮންޓު އުފެއްދުމުގައި ނަން މަޝްހޫރު ކުންފުންޏެކެވެ. ދުނިޔޭގެ އެތަށް ބަޔަކު ބޭނުން ކުރާ މަޝްހޫރު "އޭރިއަލް" އާއި "ނިއު ޓައިމްސް ރޯމަން" ފޮންޓުވެސް ފަރުމާކުރީ މި ކުންފުނިންނެވެ. ދިގު ތާރީހެއް ލިބިގެންވާ މި ކުންފުނިން ވަނީ ޕްރިންޓް ކުރުމުގެ ދާއިރާގައި އެކި ކަހަލަ އީޖާދުކޮށް ކުރިއެރުންތަކެއް ހޯދާފައެވެ.

ފޮންޓު ފަރުމާކުރި ފަރާތްތަކަށް ބަލާލާއިރު، ތޯމަސް ރިކްނާ އަކީ ފޮންޓު ފަރުމާކުރުމުގެ ދާއިރާގައި ތަޖުރިބާ ކާރު ފަރާތެކެވެ. ލީޑް ފޮންޓް ޑިޒައިންނަރެއްގެ ގޮތުގައި އެޕަލްގައި މަސައްކަތް ކުރެއްވި އިރު "ޓްރޫޓައިޕް ފޮންޓު ފޯމެޓް" އީޖާދު ކުރުމުގެ މަސައްކަތް ސުޕަވައިޒްކުރީ ރިކްނާ އެވެ. އަދި މަޝްހޫރު "ޖޯރޖިއަރ"، "ޓަހޯމާ"، އަދި "ވަރްޑަނަރ" ފޮންޓުގެ "ހިންޓިން"ގެ މަސައްކަތްވެސް ރިކްނާ ކޮށްފައިވެއެވެ. ގޫގުލްއިން އިސްނަގައިގެން ދުނިޔޭގެ ހުރިހާ ބަހެއް ހިމެނޭގޮތަށް ހަދާ "ނޮޓޯ" ފޮންޓު ހެދުމުގެ ބިޔަ ބޮޑު މަސައްކަތް ރާވައި ހިންގަނީވެސް ރިކްނާ އެވެ. ތޯމަސް ރިކްނާ އަކީ މޮނޯޓައިޕް ޑިޒައިން ސްޓޫޑިޔޯގެ ޑިރެކްޓަރެވެ.

ފޮންޓު ފަރުމާ ކުރުމުގައި ބައިވެރިވި ދެވަނަ ފަރާތް ކަމަށްވާ، މިސްރުގެ ޤާހިރާއަށް އުފަން ކަމާލް މަންސޫރަކީ ދުނިޔޭގެ އެތަށް ބަހެއްގެ ފޮންޓުގެ އަކުރުތަށް ފަރުމާކުރުމުގައި މަސައްކަތް ކުރި ފަރާތެކެެވެ. ކޮންޕިޔުޓަރު ފަދަ ވަސީލަތްތަކުން ދުނިޔޭގެ ހުރިހާ ބަހެއް ލިޔެކިޔެ ހެދޭނެ ގޮތް ގާއިމު ކުރުމަށް އުފައްދާފައިވާ "އުނިކޯޑް ސްޓެންޑަރޑް" ހެދުމުގައިވެސް މަންސޫރު ބައިވެރިވިއެވެ. މިގޮތުން އަރަތްބާއި، ޖަޕާން، ޗައިނާ، އަދި ކޮރެއާ ބަހާއި، ހިބްރޫ ބަހާއި، އުރުދޫ، ޕުޝްޓޫ އަދި ކަޝްމީރީ ބަސް ފަދަ ބަސްބަހުގެ އަކުރުތަށް ދިރާސާކުރުމުގެ މަސައްކަތުގައި މަންސޫރު ބައިވެރިވެފައި ވެއެވެ.

ދެން މިހިސާބުން އުފެދޭނެ ސުވާލަކީ: ދުނިޔޭގެ މަޝްހޫރު ކުންފުންޏަކުން އުފެއްދި އަދި މޮޅު ބަޔަކު ފަރުމާކޮއްފައިވާ ބޮލި ފޮންޓު މިހާ ހުތުރުމިވީ ކީއްވެ ބާވައެވެ؟ މި ސުވާލަށް ދޭނެ ސީދާ ޖަވާބެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް ފަހަރުގައި ފޮންޓު ފަރުމާކުރި އިރު ތާނަ އަކުރު އެޅުމުގެ ރީތި ހުތުރު ގޮތް، ފޮންޓު ފަރުމާކުރި ފަރާތްތަކަށް ނޭނގުނީ ކަމަށް ވުން އެކަށީގެންވެއެވެ. އެއީ ދިވެހި ބަސް ބޭނުން ކުރާ މީހުންގެ އަދަދު މަދުވެފައި، ދިވެހިބަހާއި ބެހޭ ދިރާސާތައް މަދުކަމުން ނުވަތަ އެފަދަ ދިރާސަތައް ހޯދަން އުނދަގޫ ކަމުން ފަހަރުގައި ވެދާނެ ގޮތެކެވެ. ނުނީ ކޮންމެވެސް ސަބަބަކާއި ހުރެ ތާނަ އަކުރު ލިޔުމުގެ ރީތި ހުތުރު ގޮތް ބަލާ ދިރާސަކުރުން އެއީ މާ މުހިއްމު ކަމެއް ކަމުގައި ފޮންޓު ފަރުމާކުރެއްވި ބޭފުޅުން ނުދެކުނީއެވެ. ކޮންމެއަކަސް އަޅުގަނޑަކަށް ނޭނގެއެވެ. މިއީ ހައްތަހާވެސް ތިއަރީ ތަކެކެވެ.

ބޮލި ފޮންޓު ނޫން ފޮންޓަކަށް ބަދަލު ކުރެވޭނެ!؟

ކަންމިހެން ހުރިއިރު ބޮލި ފޮންޓު ދިވެހިންނަށް ކަމުދާ ރީތި އެހެން ފޮންޓަކަށް ބަދަލު ކުރެވިދާނެ ތޯ އެބަ ސުވާލު އުފައްދަން ޖެހެއެވެ. ބޮލި ފޮންޓު ނޫން އެހެން ގޮތެއް ހޯދޭނެ ގޮތެއް އޮތްތޯ ބަލަން ޖެހެއެވެ.

ފަރުދީ ލެވެލްގައި މިކަން ހައްލު ކުރަން އުނދަގޫވާނެއެވެ. މި މައްސަލަގައި މައިކްރޯސޮފްޓަށް ޝަކުވާ ހުށަހެޅި ނަމަވެސް ނުވަތަ މީސްމީޑިޔާގައި ނުރުހުން ފައުޅުކުރި ނަމަވެސް މައިކްރޯސޮފްޓްއިން މިކަމަށް އިޖާބަ ދޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެއީ މިމައްސަލައަކީ ޓެކްނިކަލް މައްސަލައަކަށް (ނުވަތަ "ބަގް" އަކަށް) ނުވުމުން މައިކްރޯސޮފްޓްގެ އެތައް ބިލައަން ކަސްޓަމަރުން ތަކުގެ ތެރެއިން އެންމެ ދެތިން ލައްކަ ބައެއްގެ މި ބާވަތުގެ ޝަކުވާތަކަށް މައިކްރޯސޮފްޓްއިން އިޖާބަ ދޭނަކަމަށް ނުދެކޭތީއެވެ. އަދި މިކަމުގައި ފަރުދުންވެގެން ކުރެވެން އޮތް އެންމެ ބޮޑު ކަމަކީވެސް އެންމެން އެކައްޗެއް ކިޔައި، މައިކްރޯސޮފްޓްގެ އެފެއްދުންތައް ބޮއިކޮޓް ކުރުމެވެ. ނަމަވެސް މިކަމުން މައިކްރޯސޮފްޓަށް ވާނޭ ވަކި ގެއްލުމަކީ ކޮބައި ހެއްޔެވެ؟ އަދި ވިންޑޯސް ފިޔަވައި ދެން ބޭނުން ކުރަނީ ވަކި އެހެން ކޮން އަޕަރޭޓިން ސިސްޓަމެއް ހެއްޔެވެ؟ އެއްކޮޅުން އެޕަލްގެ މެކްއޯއެސް އާދައިގެ މީހަކަށް ގަނެވޭވަރަށް ވުރެއް މާ އަގު ބޮޑު އެވެ. އަނެއްކޮޅުން ލިނަކްސް އާދައިގެ މީހަކަށް ބޭނުން ކުރެވޭވަރަށް ވުރެއް މާ ޓެކްނިކަލްއެވެ.

ކަންމިހެއް ހުރުމުން ބޮލި ފޮންޓުގެ މައްސަލަ ހައްލުވިޔަސް ހައްލުވާނީ ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތަކުން ކަމަށް އަޅުގަނޑަށް ފެނެއެވެ. ފެންނަ ފެނުމުގައި މިމައްސަލަ ހައްލުވާނި ދިވެހިބަސް ދިރާސަކޮށް ހިންގުމުގެ މަސައްކަތުގައި އުޅުއްވާ ގައުމީ ފެންވަރުގެ ޖަމިއްޔާތަކާއި، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަށް ގުޅި، މައިކްރޯސޮފްޓާއެކު އެއް މޭޒެއް ދޮށުގައި މިމައްސަލައަށް ބަހުސް ކުރެވިގެންނެވެ. އަދި މައިކްރޯސޮފްޓާއެކު އެއްބަސްވުމަކަށް އައިސްގެންނެވެ. ނަމަވެސް އެންމެ ދެތިން ލައްކަ ބައެއްގެ ޝަކުވާއަށް މައިކްރޯސޮފްޓްއިން ޚަރަދު ކޮށްގެން އުފެއްދި ބޮލި ފޮންޓު އެއްލައިލައި، އެހެން ފޮންޓެއް އުފެއްދުމުގެ ބުރައާއި ޚަރަދު މައިކްރޯސޮފްޓްއިން އުފުލަފާނެ ބާވައެވެ؟ އަދި ޚާއްސަކޮށް، ބޮލި ފޮންޓުގައި އިތުރު އެހެން ޓެކްނިކަލް މައްސަލައެއް ނެތްއިރު މިކަން މައިކްރޯސޮފްޓްއިން ކޮށްފާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ދިވެހިންގެ ތެރޭގައިވެސް މޮޅެތި ފޮންޓު ފަރުމާކުރުން ތެރިން ތިބިއިރު، މައިކްރޯސޮފްޓްއިން ފޮންޓު ހެދުމުގެ ބަދަލުގައި އެފަދަ ފަރާތަކާ ހަވާލު ކޮށްގެން އާ ފޮންޓެއް ހެދުމަށް އެއްބަސްވެވިދާނެއެވެ. އަދި މިކަމުގެ ހުރިހާ ޚަރަދެއް މައިކްރޯސޮފްޓްގެ ބަދަލުގައި ދިވެހި ސަރުކާރުން ނުވަތަ ޖަމިއްޔާއަކުން އުފާލާ ގޮތަށް އެއްބަސް ވެވިދާނެއެވެ. އޭރުން  ފަރުމާކުރެވިގެން އަންނަ ފޮންޓު ދިވެހިންގެ ރަހަޔަށް ފެތޭ އަދި ދިވެހިންނަށް ކަމުދާ ފޮންޓެއް ކަމުގައިވުން ގާތެވެ.  ފެންނަ ފެނުމުގައި މިއީ މިކަން ކާމިޔާބު ވުމާ އެންމެ ގާތް ގޮތެވެ. އެހެން ނަމަވެސް މިކަމަށް ދާނޭ ޚަރަދު ތަކުގެ ތަފްސީލެއް އަދި އެއީ އަމިއްލަ ޖަމިއްޔާއަކަށް ކުރެވިދާނެ ކަހަލަ ޚަރަދުތަކެއްތޯ ބުނަން އަޅުގަނޑަކަށް ނޭނގެއެވެ.

ބޮލި ފޮންޓަށް މިހާރު 19 ވަރަކަށް އަހަރު ވެފައިވީއިރު، ކޮމްޕިޔުޓަރުގެ ޒަރީއާއިން ދިވެހި ލިޔެކިޔެ އުޅުމަށް ޓެކްނިކަލް އެތައް ފަސޭހަތަކެއް މިވަނީ އައިސްފައެވެ. ނަމަވެސް ބޮލި ފޮންޓުގެ މައްސަލަ ހަމަ އޮތްގޮތަށް އޮތީއެވެ. ދިވެހިންނަށް ދުއްތުރާކުރަން އަދި މީގެ އެތައް އަހަރެން ވާންދެންވެސް ބޮލި ފޮންޓު އޮތުން ގާތެވެ. އަޅުގަނޑުގެ ހިތް އެގޮތް  ނޭދުނު ކަމުގައިވިޔަސް އަޅުގަނޑު ސިކުނޑި އެކަމަށް އެއްބަހެއެވެ.